މި މިނިސްޓްރީއަށް ލިޔުމުން އެއްވެސް ޝަކުވާއެއް ހުށަހެޅިފައި ނުވެއެވެ.
މި މިނިސްޓްރީގެ ލިޔެކިޔުންތައް ބެލެހެއްޓުމުގައި ސިއްރުހިފެހެއްޓުމާއި، އެތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރަން، ލިޔެކިޔުންތައް ގެންގުޅުމުގައި ޑިޖިޓަލް ކޮށް އަދި ފިޒިކަލްކޮށް ބެލެހެއްޓުމަށް، އަމަލުކުރަމުން ދަނީ ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ޤާނޫނާއި، ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނު، ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދޭ ޤާނޫނު، އަދި ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ޤަވައިދާ އެއްގޮތަށެވެ. މިގޮތުން، އޮޑިޓަށް ބޭނުންވާ ހުރިހާލިޔެކިޔުމެއް އޯޑިޓަށް ލިބޭނެގޮތަށް އެލިޔުންތަކުގެ އަސްލު ފައިލްކޮށް، ޑިޖިޓަލް ކޮޕީތައް މިނިސްޓްރީގެ އެކައުންޓިންގެ ސިސްޓަމް (ފާސް) ގައި ރެކޯޑް ކުރެވިފައި ހުންނާނެއެވެ. މީގެ އިތުރުން ދައުލަތުގެ އެކިއެކި އިދާރާތަކަށް މިމިނިސްޓްރީއިން ފޮނުވާ ރަސްމީ ލިޔެކިޔުންތަކާއި މިމިނިސްޓްރީއަށް ލިބޭ ލިޔެކިޔުންތައް ފޮނުވާނީ ޖެމްސް މެދުވެރިކޮށެވެ. މިމިނިސްޓްރީއަށް ޖެމްސް މެދުވެރިކޮށް ލިބޭ ލިޔެކިޔުންތަކާ އަދި ރިސެޕްޝަނާ ޙަވާލުކުރާ ލިޔެކިޔުންތައް، މިނިސްޓްރީއަށް ލިބޭ އެންޓްރީތައް ރެކޯޑްކުރުމަށް އޮންނަ ފޮތުގަ ލިޔެވި ކަމާބެހޭ މުވައްޒަފުނަށް ހަވާލުކުރާނީ ސޮއިކުރުވުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނު
- ފޮރިން ސަރވިސްގެ ޢާންމު ގަވާއިދު
- ފޮރިން ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓް
- މުވައްޒަފުންގެ ގަވާއިދު
- މުވައްޒަފުން ތަމްރީނުކުރުމުގެ ގަވާއިދު
- ޕޯސްޓިންގއަށް މީހުން ފޮނުވުމާއި އަނބުރާ ގެނައުމުގެ ގަވާއިދު
- ބޭރު ޤައުމުތަކުންނާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ދިވެހިރާއްޖޭގައި ޤާއިމުކުރާ ޑިޕްލޮމެޓިކް މިޝަންތަކާއި ކޮންސިއުލާ ޕޯސްޓުތައް ދިވެހިރާއްޖޭގައި ޤާއިމުކުރުމާއި ހިންގުމާގުޅޭ ގަވާއިދު
ޕޮލިސީ ލެވެލްގައި ނިންމަވާ ނިންމެވުންތައް ކަމާ ގުޅުންހުރި ސެކްޝަން/ޑިޕަރޓްމަންޓް/ފަރާތްތަކަށް ހިއްސާކޮށް، އެފަރާތްތައް މެދުވެރިކޮށް އެ މަސައްކަތުގެ ޓައިމްލައިން ހަދައި، ތަންފީޛުކުރުން. މި ނިންމުންތައް ނިންމަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ބަންޑާރަ ނާއިބުގެ އޮފީހުގެ އިތުރުން ކަމާ ގުޅުންހުރި މުއައްސަސާތަކުގެ ލާފާ ހޯދަންޖެހޭ ހާލަތުގައި އެ ލަފާ ހޯދުމަށް ފަހުގައިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މި އިދާރާއަށް ކަނޑައަޅާފައިވާ ޒިންމާތައް އުފުލުމުގައި ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނުން ލިބިދީފައިވާ ބާރުތަކާއި މި މިނިސްޓްރީގައި ގެންގުޅޭ އިދާރީ އުޞޫލުތަކާއި ހަމަތަކާއި ޑިޕްލޮމަސީ އުޞޫލުތައް އިސް ދައުރެއް އަދާކުރެއެވެ. މިގޮތުން، މިނިސްޓްރީއަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި، މިނިސްޓްރީގެ ތެރެއިން އެކިއެކި ޑިޕާޓްމަންޓްތަކާއި ޑިވިޜަންތަކުގެ މެދުގައި ވިލަރެސްކުރުމާއި ޕޮލިސީ ލެވަލްގައި ވިލަރެސްކުރުމާއި މިނިސްޓްރީގެ ދަށުން ރާއްޖެއިން ބޭރުގައި ގާއިމުކޮށްފައިވާ ޑިޕްލޮމެޓިކް މިޝަންތަކާއި ކޮންސިއުލަރ ޕޯސްޓްތަކުން ކުރާ އެންމެހާ މަސައްކަތްތައް މިނިސްޓްރިއަށް ދުވަހުން ދުވަހަށް ރިޕޯޓްކުރުމާއި މިނިސްޓްރީގެ ލަފަޔާއި ހުއްދަ ބޭނުންވާ ކަންކަމުގައި ކަނޑައަޅާފައިވާ އުޞޫލުގެތެރެއިން ލަފަޔާއި ހުއްދަ ހޯދުމާއި މިނިސްޓްރީން ރައްޔިތުންނަށް ދޭ ޚިދުމަތްތަކުގެ އުޞޫލުތައް ހިމެނެއެވެ. އަދި ރާއްޖެއިން ބޭރުގައި ގާއިމުކޮށްފައިވާ މިޝަންތަކާއި ސަރުކާރުގެ އެހެނިހެން ވުޒާރާތަކާއި މުވާސަލާތުކުރުމަށް ހަމަޖެހިފައިވާ ރަސްމީ ވަސީލަތަކީ ޑިޕްލޮމަސީގެ ހަމަތަކުގެ މަތިން މި މިނިސްޓްރީކަމުގައިވާނީ ކަނޑައަޅާފައެވެ. އަދި ޚާރިޖީ ސިޔާސަތުގެ މަޤްޞަދުތަކާއި އެކަމާ ގުޅުންހުރި މަސްއޫލިއްޔަތުތައް ރަނގަޅަށް ތަންފީޒުކުރުމަށް އެހީތެރިވުމަށްޓަކައި މިނިސްޓްރީގެ އެކިއެކި ޑިޕާޓްމަންޓްތަކާއި ޑިވިޜަންތަކުގެ މަސައްކަތްތައް މޮނިޓަރކުރުމާއި އިސްވެރިންނަށް ރިޕޯޓްކުރުމާއި ގަވާއިދުން ރެކޯޑް ބެލެހެއްޓުމާއި މަސައްކަތުގެ ފެންވަރު ބެލުން ހިމެނެއެވެ.
މި އިދާރާއަށް ކަނޑައަޅާފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށް ހަވާލުކުރެވިފައިވާނީ މި މިނިސްޓްރީގެ ކަމާގުޅުންހުރި ޑިޕާޓްމަންޓްތަކާއި ޑިވިޜަންތައް އަދި ސެކްޝަންތަކާއި ޔުނިޓްތަކާއެވެ. މީގެ އިތުރުން މި މިނިސްޓްރީގެ ދަށުން ބޭރު ގައުމުތަކުގައި ގާއިމުކޮށްފައި ހުންނަ ޑިޕްލޮމެޓިކް މިޝަންތަކާއި ކޮންސިއުލަރ ޕޯސްޓްތަކާއެވެ. މިގޮތުން ޑިޕާޓްމަންޓްތަކާއި ޑިވިޜަންތައް އަދި ސެކްޝަންތަކާއި ޔުނިޓްތުގެ މަސައްކަތްތައް ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ އާންމު ގަވާއިދުގައި ތަފްޞީލުކޮށް ބަޔާންކުރެވިފައިވާނެއެވެ. މުވައްޒަފުންނާ މަސައްކަތް ހަވާލުކުރުމަށްފަހު އެ މަސައްކަތް ދުވަހުން ދުވަހަށް މޮނިޓަރކުރެވެއެވެ. އަދި ކަނޑައެޅިފައިވާ ސުންގަޑިއަށް، އެކަށީގެންވާ ފެންވަރަށް މަސައްކަތް ކުރަންމުންދޭތޯ އެކި ލެވަލްތަކުގައި ބެލެއެވެ. ޑިޕާޓްމަންޓްތަކާއި ޑިވިޜަންތައް އަދި ސެކްޝަންތަކާއި ޔުނިޓްތަކުގެ ވެރިން އެ ފަރާތެއް އިސްވެ ބަލަހައްޓަމުންދާ ޑިވިޜަނެއްގެ މަސައްކަތައް ޒިންމާ ނަގަންޖެހެއެވެ. މަސައްކަތްތައް ހިނގަންވާ ހަލުވުމިނުގައި، އެކަށީގެންވާ ފެންވަރަސް ހިނގަމުންދޭތޯއާއި ކަމާގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތައް ހިނގަމުންދޭތޯ ޑިވިޜަންތަކުގެ އިސްވެރިން ކަށަވަރުކުރަންޖެހެއެވެ. އެއްވެސް މުވައްޒަފަކާ ހަވާލުކުރެވިފައިވާ މަސައްކަތަކަށް ޒިންމާ އުފުލުމުގައި އިހުމާލު ވެއްޖެނަމަ ފޮރިން ސަރވިސްގެ މުވައްޒަފުންގެ ގަވާއިދުގައި ތަފްޞީލުކޮށް ބަޔާންކޮށްފައިވާ ގޮތުގެމަތިން އެކަމަކަށް ކަނޑައަޅާފައިވާ ފިޔަވަޅު އެޅޭނެއެވެ. އަދި ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ އިހްތިސާސްގެ ތެރެއިން ހިމެނޭ ބާވަތުގެ މައްސަލަތައް އެ ކޮމިޓީން ބެލުމަށްފަހު ކަނޑައެޅިފައިވާ އުސޫލުގެމަތިން އެކަމަށް އަޅާނޭ ފިޔަވަޅަކާމެދު އެ ކޮމިޓީން ލަފާދޭނެއެވެ. ހަމަ އެހެންމެ ކޮންމެ އަހަރަކު މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ފޯމުތައް ފުރުމަށްވެސް ހަމަޖެހިފައިވެއެވެ.