ޚަބަރު

ބަންގްލަދޭޝް ގެ ޚާރިޖީ ވަޒީރު މިއަދު ރާއްޖެ ވަޑައިގެންފި
Featured

ބަންގްލަދޭޝް ގެ ޚާރިޖީ ވަޒީރު މިއަދު ރާއްޖެ ވަޑައިގެންފި

Ref: 2026/PR/169

ބަންގްލަދޭޝް ގެ ޚާރިޖީ ވަޒީރު ހިޒް އެކްސަލަންސީ ޑރ. ޚަލީލުއްރަޙްމާން، ރަސްމީ ދަތުރުފުޅެއްގައި ދިވެހިރާއްޖެއަށް މިއަދު ވަޑައިގެންފިއެވެ. އެ މަނިކުފާނުގެ މި ދަތުރުފުޅަކީ، ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު އަލްފާޟިލާ އިރުތިޝާމް އާދަމް ދެއްވި ދަޢުވަތުފުޅު ޤަބޫލު ކުރައްވައި، މިހިނގާ ޖުލައި މަހުގެ 25 އިން 27 ގެ ނިޔަލަށް އެ މަނިކުފާނު ދިވެހިރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުން އެ މަނިކުފާނަށް މަރްޙަބާ ވިދާޅުވީ ޚާރިޖީ ވަޒީރު އަލްފާޟިލާ އިރުތިޝާމް އާދަމް އެވެ. 

ބަންގްލަދޭޝް ގެ ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުމާއި، ޚާރިޖީ ވަޒީރު އަލްފާޟިލާ އިރުތިޝާމް އާދަމް އާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ. މި ބައްދަލުވުންތަކުގެ މަޝްވަރާތައް ބިނާކުރެވޭނީ ރާއްޖެ އާއި ބަންގްލަދޭޝް އާ ދެމެދު އޮންނަ ޒަމާންވީ ގާތް އެކުވެރި ގުޅުމުގެ މައްޗަށާއި، މި ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރެވޭނޭ ގޮތްތަކާއި، ދެ ޤައުމުން އިސްކަންދޭ ކަންތައްތަކުގައި ގުޅުން ބަދަހިކުރުމަށް ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށެވެ. މީގެ އިތުރުން، ސަރަހައްދީ އަދި ބައިނަލްއަޤްވާމީ މައްސަލަތަކާއި ގުޅޭގޮތުން ޚިޔާލުފުޅު ބަދަލުކުރައްވައި، މިފަދަ މައްސަލަތަކުގައި ދެ ޤައުމުން ގުޅިގެން ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރާނެ ގޮތްތަކާއި ގުޅޭގޮތުން ވެސް ދެ ވަޒީރުން މަޝްވަރާ ކުރެއްވުމަށްވަނީ ހަމަޖެހިފަ އެވެ.  

މި  ދަތުރުފުޅަކީ 17 ފެބްރުއަރީ 2026 ގައި ބަންގްލަދޭޝް ގެ ޚާރިޖީ ވަޒީރު މަޤާމާއި  ޙަވާލުވެވަޑައިގަތުމަށްފަހު، ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅަކީ ދިވެހިރާއްޖެ އާއި ބަންގްލަދޭޝް އާ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އަދި މުސްތަޤްބަލުގައި ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށް ހަރުދަނާ ކުރުމަށް މަގުފަހިވެގެންދާނޭ ދަތުރުފުޅެކެވެ.

ނިމުނީ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960