ޚަބަރު

އ.ދ.ގެ އިންސާނީ ހައްޤުތަކާބެހޭ މަޖިލީހުގެ 63 ވަނަ ސެޝަންގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވުން

އ.ދ.ގެ އިންސާނީ ހައްޤުތަކާބެހޭ މަޖިލީހުގެ 63 ވަނަ ސެޝަންގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވުން

އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 63 ވަނަ ސެޝަން ސްވިޒަލޭންޑްގެ ޖެނީވާގައި މިއަދު ފަށައިފިއެވެ. މި ސެޝަން ކުރިއަށް ދާނީ 7 ސެޕްޓެމްބަރ 2026 އިން 7 އޮކްޓޫބަރ 2026 ގެ ނިޔަލަށެވެ. 

މި ސެޝަން ފައްޓަވައިދެއްވުމުގެ ގޮތުން އ.ދ.ގެ ހައިކޮމިޝަނަރ ފޯރ ހިއުމަން ރައިޓްސް ވޮލްކަރ ޓާރކް ދެއްކެވި ވާހަކަފުޅުގައި ދުނިޔޭގެ އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމާއި ކުރިއެރުވުމުގައި ކުރެވެމުންދާ މަސައްކަތްތަކާއި މިހާރުގެ ޙާލަތާ ގުޅޭ ގޮތުން ރިޕޯޓެއް ހުށަހެޅުއްވިއެވެ.

ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާއި އިސްކަންދޭ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ތަފާތު އެޖެންޑާ އައިޓަމްތަކުގެ ދަށުން ރާއްޖޭގެ ވަފުދުން ޤައުމީ ބަޔާން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ތަރައްޤީއަށް އޮތް ޙައްޤާ ބެހޭ ސްޕެޝަލް ރެޕަޓުއަރ އާއެކު ބާއްވާ އިންޓަރެކްޓިވް ޑައިލޮގްއާއި، މިޔަންމާއާ ގުޅޭ އިންޑިޕެންޑެންޓް އިންވެސްޓިގޭޓިވް މެކޭނިޒަމާއި،  ފަލަސްޠީނުގައި ހިންގަމުންދާއިންސާނީ ކާރިޘާ އާއި ގުޅޭ ތަފާތު އެޖެންޑާ އައިޓަމްތަކުގައި ދިވެހިރާއްޖެއިން ތަޤުރީރު ދިނުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ބޭނުންވާ މާލީ އެހީ ހޯދުމަށް ޢަމަލީ ގޮތުން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން އ.ދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ރިޕޯޓުގެ މައްޗަށް އަލިއަޅުވާލައި ބާއްވާ އިންޓަރެކްޓިވް ޑައިލޮގުގައި ވެސް ދިވެހިރާއްޖެއިން ބަޔާން ދިނުމަށް ހަމަޖެހިފައިވެއެވެ.

ހަމަ މިއާއެކު، މި ސެޝަންގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތައް ކަމަށްވާ ނޮން-އެލައިންޑް މޫވްމަންޓް (ނާމް) އާއި، އޯގަނައިޒޭޝަން ފޮރ އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) ގެ އިތުރުން ޖެނީވާގައި ހުންނަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ އިންފޯރަމަލް ގްރޫޕުގެ އެކިއެކި ޖޮއިންޓް ސްޓޭޓްމަންޓްތައް ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާގޮތުގެ މަތީން ދިވެހިރާއްޖެއިން ކޯސްޕޮންސަރކޮށް ބައިވެރިވާނެއެވެ.
އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 63 ވަނަ ސެޝަންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައިވާ ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދުއެވެ. އަދި މި ވަފުދުގައި ހިމެނިވަޑައިގަންނަވާނީ ކައުންސެލަރ އަލްފާޟިލް އާދަމް ޙާމިދުއާއި، އަލްއުސްތާޛާ އާމިނަތު ޝިފާޔާ އިބްރާހީމްއާއި، ސެކަންޑް ސެކްރެޓަރީ އަލްފާޟިލާ އައިޝަތު ރަޔާހީން އަދި އެޓާޝޭ އަލްފާޟިލް މުޙައްމަދު ރާއިދު ސައީދުއެވެ.

އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ ޙައްޤުތައް ކުރިއެރުވުމާއި، ހިމާޔަތްކުރުމަށާއި ހަރުދަނާކުރުމަށާއި އިންސާނީ ޙައްޤުތަކަށް އަރައިގަތުމުގެ ހާލަތްތައް ދެނެގަނެ، އެކަންކަން ހައްލުކުރާނެ ގޮތްތައް ހުށަހެޅުމުގެ ޒިންމާ އަދާކުރާ އ.ދ.ގެ ނިޒާމުގެ ތެރެއިން ބައެކެވެ. މި މަޖިލީހުގައި ހިމެނެނީ 47 މެމްބަރުންނެވެ. ދިވެހިރާއްޖޭގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ މެމްބަރުކަމުގެ ދައުރު 2025 ވަނަ އަހަރު ހަމަވެފައިވީނަމަވެސް، މި މަޖިލީހުގައި ކުރަމުންދާ މަސައްކަތް ކުރިއެކޭވެސް އެއްފަދައިން ކުރިއަށް ގެންދާނެއެވެ.

 

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960