Ref: 2026/PR/164
ބުރުކީނާ ފާސޯ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސެލެންސީ ޑޮކްޓަރ ޑޭޒީރޭ ބޯނީފާސް ސޯމޭ ޚާރިޖީ ވަޒީރު، އަލްފާޟިލާ އިރުތިޝާމް އާދަމް ގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު މެންދުރު ޚާރިޖީ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމުގައި، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ބުރްކީނާ ފާސޯ ސަފީރަށް މަގާމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަށް އެރުވުމުން އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވިއެވެ.
މީގެ އިތުރުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ކުރިމަގުގައި މިގުޅުން އިތުރަށް ފުޅާކުރުމަށް ދެޤައުމަށްވެސް ފައިދާކުރަނިވި ދާއިރާތައް ދެނެގަނެ، އެދާއިރާތަކުން އިތުރަށް މަސައްކަތްކުރުމަށް މިބައްދަލުކުރެެއްވުމުގައި މަޝްވަރާ ކުރެއްވިއެވެ. އަދި މީގެ އިތުރުން، އެފްރިކާގެ ޤައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަމާއި، ބައިނަލްއަޤުވާމީ މައިދާނުގައި ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ. މިބައްދަލުވުން ނިންމަވާލައްވަމުން ދިވެހިރާއްޖެއަށާއި ބުރްކީނާ ފާސޯއަށް ފައިދާހުރި ކަންކަމުގައި އެކުއެކީގައި މަސައްކަތްކުރުމުގެ ޔަޤީންކަން ދެބޭފުޅުން ދެއްވިއެވެ.
ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ގެ އަރިހުގައި ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ، ސެކްރެޓަރީ ޑރ. ހާލާ ޙަމީދު، އެޑްޝަނަލް ސެކްރެޓަރީ މުޙައްމަދު ފައިޞަލް، އެޑިޝަނަލް ސެކްރެޓަރީ ޚަދީޖާ ނަޖީހާ، ސީނިއަރ އަންޑަރ ސެކްރެޓަރީ ފާތިމަތު ނަޢިމާ އަދި އެސިސްޓަންޓް ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ޝުޖާޢު ބައިވެރިވެވަޑައިގެންނެވިއެވެ.
ނިމުނީ