ޚަބަރު

ބޫޓާން ގެ އާ  ސަފީރު، ޚާރިޖީ ވަޒީރުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
Featured

ބޫޓާން ގެ އާ ސަފީރު، ޚާރިޖީ ވަޒީރުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

Ref: 2026/PR/161

ބޫޓާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން-ރެޒިޑެންޓް ސަފީރު ހަރ އެކްސަލަންސީ ދާޝޯ ކާރމަ ހަމު ދޯރޖީ، ޚާރިޖީ ވަޒީރު އަލްފާޟިލާ އިރުތިޝާމް އާދަމްގެ އަރިހަށް މިއަދު ހެނދުނުވަނީ އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. ސަފީރުގެ މި ޒިޔާރަތަކީ، އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އެރުވުމަށް މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ރަސްމިއްޔާތަށްފަހު ކުރެއްވި އިޙްތިރާމްގެ ޒިޔާރަތެކެވެ. 

ސަފީރު ދޯރޖީ، އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އެރުވުމާ ގުޅިގެން، އެ ކަމަނާއަށް ޚާރިޖީ ވަޒީރު އަލްފާޟިލާ އިރުތިޝާމް އާދަމް ތަހުނިޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ވަޒީރު އަލްފާޟިލާ އިރުތިޝާމް ވަނީ ރާއްޖެ އާއި ބޫޓާން އާ ދެމެދު އޮތް ޒަމާންވީ، ގާތް އެކުވެރި ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، މި ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މަތީ ފަންތީގެ މަޝްވަރާތައް އިތުރުކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވާފައެވެ. އަދި ފަންނީ މަޢުލޫމާތު ބަދަލުކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށްކުރާ އަސަރު ކުޑަކުރުމަށް މަސައްކަތް ކުރުމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، ޑިޖިޓަލް ޓްރާންސްފޯމޭޝަން އަދި އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުން ފަދަ ދާއިރާތަކުން ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާފައެވެ. އަދި މީގެއިތުރުން، އިޤްތިޞާދީ ދާއިރާއިން ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާއި، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް ދެފަރާތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
 
ޚާރިޖީ ވަޒީރު އަލްފާޟިލާ އިރުތިޝާމް އާއި ސަފީރު ދޯރޖީގެ ބައްދަލުވުމުގެ މަޝްވަރާތަކުގައި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ދެ ޤައުމުން ގުޅިގެން ކުރާ މަސައްކަތްތަކާއި އެއްބާރުލުން ފާހަގަކުރައްވައި، ދެ ޤައުމުން އިސްކަންދޭ ކަންތައްތަކުގައި ގުޅިގެން އެކުގައި މަސައްކަތް ކުރުމަށާއި، އަދި ދެ ޤައުމުގެ ރައްޔިތުންގެ ފާއިދާ އާއި މަންފާއަށްޓަކައި އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ. 

ވަޒީރު އަލްފާޟިލާ އިރުތިޝާމްގެ އަރިހުގައި ފޮރިން ސެކްރެޓަރީ އަލްފާޟިލާ ފާޠިމަތު ޢިނާޔާ އާއި، ސެކްރެޓަރީ އަލްފާޟިލާ އާމިނަތު ޝަބީނާ އާއި، އެޑިޝަނަލް ސެކްރެޓަރީ އަލްފާޟިލާ އާމިނަތު ޢަބްދުالله ދީދީ، އަދި ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އަލްއުސްތާޛު ޢަބްދުﷲ ތިކްލާމް ފަޟީން މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ނިމުނީ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960