ޚަބަރު

ދިވެހިރާއްޖެއިން ކިއުބާއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު، އެ މަނިކުފާނުގެ މަޤާމުގެ ފަތްކޮޅު ކިއުބާ ގެ ރައީސް އަށް އަރުވައިފި
Featured

ދިވެހިރާއްޖެއިން ކިއުބާއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު، އެ މަނިކުފާނުގެ މަޤާމުގެ ފަތްކޮޅު ކިއުބާ ގެ ރައީސް އަށް އަރުވައިފި

Ref: 2026/PR/84

ދިވެހިރާއްޖެއިން ކިއުބާ އަށް ކަނޑައެޅުއްވި އައު ނޮން-ރެޒިޑެންޓް ސަފީރު، ޢަބްދުލްޣަފޫރު މުޙައްމަދު، އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ކިއުބާ ގެ ރައީސް، މިގޭލް ދިއާޒް-ކާނެލް ބަރމިއުޑޭޒް އަށް އަރުވައިފިއެވެ. ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ކިއުބާ ގެ ރައީސްގެ އޮފީހުގައެވެ.

ފަތްކޮޅު އެރުވުމަށްފަހު ބޭއްވި ބައްދަލުކުރެއްވުމުގައި، ސަފީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުންނާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ކިއުބާ ގެ ރައީސް އާއި ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އަދި ސަފީރުވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ގުޅުން އިތުރަށް ބަދަހިކުރުމަށް، ގުޅިގެން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.  

އަދި ކިއުބާގެ ރައީސްގެ ވާހަކަފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރިކަމާއި، ބައިނަލްއަޤްވާމީ މަސްރަޙުގައި ރާއްޖެއިން ދޭ އެއްބާރުލުން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.
 
މީގެއިތުރުން، ކިއުބާ ގެ ޤައުމީ ބަޠަލްގެ ޝަރަފުގައި، އެ ޤައުމު ގެ "ޕްލާޒާ ޑި ލަ ރިވޮލިއުޝަން" ގައި ހުންނަ ހޯސޭ މާޓީ ބިނާގައި ބޭއްވި ރަސްމިއްޔާތުގައި ސަފީރު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އަދި އެ މަނިކުފާނު ވަނީ ހަވާނާގައި ޞިއްޙީ ދާއިރާއިން މަތީ ތަޢުލީމު ޙާސިލުކުރަމުންދާ ދިވެހި ދަރިވަރުންނާ ވެސް ބައްދަލުކުރައްވާފައެވެ.

ދިވެހިރާއްޖެ އާއި ކިއުބާ އާ ދެމެދު ސިޔާސީ ގުޅުން ޤާއިމް ކޮށްފައިވަނީ 19 ޖެނުއަރީ 1977 ގައެވެ. ޞިއްޙީ ދާއިރާއިން ކިއުބާއިން ދިވެހިރާއްޖެއަށް ގިނަގުނަ އެހީތެރިކަން ލިބެމުންދެއެވެ. އޭގެ ތެރޭގައި ކިއުބާ ގެ ޑޮކްޓަރުންގެ އެހީ އާއި ރާއްޖޭގެ ޑޮކްޓަރުން ތަމްރީނުކުރުމުގެ (ދިވެހި ދަރިވަރުންނަށް ސްކޮލަރޝިޕްގެ) ފުރުޞަތުތައް ހިމެނެއެވެ.

ސަފީރު ޢަބްދުލްޣަފޫރު މުޙައްމަދު އަކީ ދިވެހިރާއްޖެއިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ އިތުރުން، ދިވެހިރާއްޖެއިން ކެނެޑާއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު ވެސްމެއެވެ.

ނިމުނީ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960