ޚަބަރު

ދިވެހިރާއްޖެއިން އޯ.އައި.ސީގެ މެންބަރު ޤައުމެއްގެ ގޮތުގައި ގުޅުނުތާ 50 އަހަރު ފުރުން
Featured

ދިވެހިރާއްޖެއިން އޯ.އައި.ސީގެ މެންބަރު ޤައުމެއްގެ ގޮތުގައި ގުޅުނުތާ 50 އަހަރު ފުރުން

Ref: 2026/PR/171

މިއަދަކީ ދިވެހިރާއްޖެއިން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އާއި ގުޅުނުތާ 50 އަހަރު ފުރޭ ދުވަހެވެ. މި ވޭތުވެދިޔަ 50 އަހަރު، ދިވެހިރާއްޖެއިން ވަނީ އޯ.އައި.ސީ. މެދުވެރިކޮށް މުސްލިމް ޤައުމުތަކާ ގުޅުން ބަދަހިކޮށް، މި ޤައުމުތަކަށް މުހިންމު ކަންކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މިއަދު މި މުނާސަބު ފާހަގަކުރަމުންދާއިރު، ފާހަގަކޮށްލެވޭ ކަމަކީ އޯ.އައި.ސީ. ގެ މެންބަރު ޤައުމުތަކުގެ މެދުގައި ހިއްސާކުރާ އިސްލާމީ ރިވެތި އުޞޫލުތަކަކީ ދިވެހިންނާ ގުޅިލާމެހިފައިވާ ކަންތައްތަކެއްކަމުގައިއެވެ. 
 
އޯ.އައި.ސީ. ގައި ރާއްޖެއިން އަދާކުރާ މުހިންމު ދައުރަކީ އޯ.އައި.ސީ.އާއި އިސްލާމީ އުއްމަތުގެ މަޞްލަޙަތު ޙިމާޔަތްކުރުމުގައި ދިވެހި ރާއްޖެއިން ދޭ އަހަންމިއްޔަތުކަމުގެ ހެއްކެކެވެ. މީގެ ތެރޭގައި، ދިވެހިރާއްޖެއިން އޯ.އައި.ސީ. ގެ މަތީ ފަންތީގެ ބައްދަލުންތައް ކަމުގައިވާ އިސްލާމިކް ސަމިޓް، ޚާރިޖީ ވަޒީރުންގެ ބައްދަލުވުންތައް، އަދި އެހެނިހެން ބައްދަލުވުންތަކުގައި ބައިވެރިވުން ހިމެނެއެވެ. މީގެ އިތުރުން ފަލަސްތީނާއި ރޮހިންގްޔާގެ މުސްލިމުންނާއި އަދި ދަތިތަކާ ކުރިމަތިވެފައިވާ އެހެނިހެން މުސްލިމް މުޖްތަމަޢުގު ހައްޤުތަށް ހިމާޔަތްކުރުމަށް ދިވެހިރާއްޖެ އަބަދުވެސް ދަނީ މަސައްކަތްކުރަމުންނެވެ. 

މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތައް ކުޑަކުރުން، އަންހެނުން ބާރުވެރިކުރުވުން، ފަތުރުވެރިކަމުގެ ދައީރާއިން އެއްބާރުލުން އިތުރުކުރުން ފަދަ މުހިންމު ކަންތައްތަކަށް ދިވެހިރާއްޖެ ފަދަ ކުޑަ ގައުމަކަށް އޯ.އައި.ސީ. މެދުވެރިކޮށް ވަކާލާތުކުރުމަށް ލިބޭ ފުރުސަތުތައް އަބަދުވެސް ރާއްޖެއިން ބަލައިގަނެއެވެ. އަދި އޯ.އައި.ސީ. ގެ އެކުވެރި މެންބަރު ޤައުމުތަކުން ދިވެހިރާއްޖޭގެ އިޤްތިސާދު ހަރުދަނާކުރުމަށް ދޭ އެހީގެ އިތުރުން އިޖްތިމާއީ މައްސަލަތައް ހައްލުކުރުމަށް ބޮޑު އެއްބާރުލުމެއް ފޯރުކޮށްދެމުންގެންދެއެވެ. 

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އަކީ 57 ގައުމުގެ މައްޗައް އެކުލެވިގެންވާ ފަލަސްތީނުގެ ހައްޤުގައާއި މުސްލިމް އުއްމަތައް ކުރިމަތިވެފައިވާ އެހެނިހެން ގޮންޖެހުންތައް ހައްލުކުރުމުގައި އަބަދުސް ވަކާލާތުކުރަމުން އަންނަ ޖަމުޢިއްޔާއެކެވެ. 1976 ވަނަ އަހަރު ދިވެހިރާއްޖެއިން އޯ.އައި.ސީ އާއި ގުޅުނު ފަހުން 50 އަހަރު ފުރުމުގެ ހާއްސަ މުނާސަބު ފާހަގަކުރަމުންދާއިރު، އޯ.އައި.ސީ. ގެ އުޞޫލުތަކާއި ހަމަތަކާ އެއްގޮތަށް ދިވެހިރާއްޖެއިން މަސައްކަތް ކުރުންމަތީ ދެމި އޮންނާނެކަމުގެ ޔަޤީންކަން އަރުވަމެވެ. އަދި އޯ.އައި.ސީ. އާއެކު ދިވެހިރާއްޖެއިން އިތުރަށް ގުޅުން ބަދަހިކޮށް، އިސްލާމީ އުއްމަތުގެ ދިފާއުގައި އަޑު އުފުލައި، އިންސާފު ގާއިމްކުރުމަށް އަބަދުވެސް މަސައްކަތްކުރަމުން ދާނެއެވެ.

ނިމުނީ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960