ޚަބަރު

ދިވެހިރާއްޖެއިން އޮސްޓްރިއާއަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު، އެކަމަނާގެ މަޤާމުގެ ފަތްކޮޅު އޮސްޓްރިއާގެ ރައީސަށް އަރުވައިފި
Featured

ދިވެހިރާއްޖެއިން އޮސްޓްރިއާއަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު، އެކަމަނާގެ މަޤާމުގެ ފަތްކޮޅު އޮސްޓްރިއާގެ ރައީސަށް އަރުވައިފި

Ref: 2026/PR/49

ދިވެހިރާއްޖެއިން އޮސްޓްރިއާއަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު ޑޮކްޓަރ ސަލްމާ ރަޝީދު އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އޮސްޓްރިއާގެ ރައީސް، އެލެކްސެންޑަރ ވޭން ޑަރ ބެލެން އަށް މިއަދު އަރުވައިފިއެވެ. ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ހުންނަ ރަސްމީ ގަނޑުވަރުގައެވެ. 

ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވި ބައްދަލުވުމުގައި ސަފީރު ޑރ. ސަލްމާ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުންނާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އޮސްޓްރިއާގެ ފެޑެރަލް ރައީސަށާއި އެޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އަދި އެކަމަނާ ވަނީ ދިވެހިރާއްޖެ އާއި އޮސްޓްރިއާ އާ ދެމެދު އޮންނަ ގާތް ގުޅުމުގެ މައްޗަށް ނަޒަރުހިންގަވައި، އިޤުތިޞާދީ ގޮތުން ގުޅިގެން މަސައްކަތް ކުރުމަށާއި، ދެ ޤައުމުގެ ރައްޔިތުން ދެމެދު އޮންނަ ގުޅުން ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. މީގެ އިތުރުން، ދެޤައުމުން އިސްކަންދޭ އެހެނިހެން މުހިންމު ދާއިރާތަކުން ދެމުންގެންދާ އެއްބާރުލުން އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން އެކަމަނާ ވަނީ އަރުވާފައެވެ.

ވިއެނާއަށް ކުރެއްވި މިދަތުރުފުޅުގައި ސަފީރު ޑރ. ސަލްމާ ވަނީ އޮސްޓްރިއާގެ ޚާރިޖީ ވުޒާރާގެ އިސްވެރިންނާވެސް ބައްދަލުކުރައްވާފައެވެ. މިބައްދަލުވުންތަކުގައި ދިވެހިރާއްޖެއާއި އޮސްޓްރިއާ އާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި ބައިނަލްއަޤުވާމީ މައިދާނުގައި ދެޤައުމުންވެސް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތުގައި، ސަފީރު ޑރ. ސަލްމާގެ އަރިހުގައި ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގެ ސެކަންޑް ސެކްރެޓަރީ އަލްފާޟިލާ ޢާއިޝަތު ރަޔާޙީން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. 

އެމްބެސެޑަރ ޑރ. ސަލްމާ އަކީ ޖެނީވާގައި ހުންނަ އ.ދ. ގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުގެ އިތުރުން ސްވިސް ކޮންފެޑެރޭޝަން އަށް ކަނޑައަޅާފައި ހުންނަވާ ދިވެހިރާއްޖޭގެ ނޮން-ރެސިޑެންޓް ސަފީރުވެސްމެއެވެ.

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960