ޚަބަރު

ދިވެހިރާއްޖެއިން ޤަޠަރަށް ކަނޑައަޅާފައި ހުންނަވާ ފުރަތަމަ ރެސިޑެންޓް ސަފީރު އަލްފާޟިލް އާދަމް ޝަރީފު ޢުމަރު އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ޤަޠަރުގެ އަމީރަށް އަރުވައިފި
Featured

ދިވެހިރާއްޖެއިން ޤަޠަރަށް ކަނޑައަޅާފައި ހުންނަވާ ފުރަތަމަ ރެސިޑެންޓް ސަފީރު އަލްފާޟިލް އާދަމް ޝަރީފު ޢުމަރު އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ޤަޠަރުގެ އަމީރަށް އަރުވައިފި

Ref: 2026/PR/182

ދިވެހިރާއްޖެއިން ޤަޠަރަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަލްފާޟިލް އާދަމް ޝަރީފު ޢުމަރު އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ޤަޠަރުގެ އަމީރު ހިޒް ހައިނަސް ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީ އަށް މިއަދު ހެނދުނު އަރުވައިފިއެވެ.

ވެރިރަށް ދޯހާގައި ހުންނަ ލޫސައިލް ގަނޑުވަރުގައި ބޭއްވުނު ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވި ބައްދަލުވުމުގައި ސަފީރު އާދަމް ޝަރީފު ޢުމަރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން، ޤަޠަރުގެ އަމީރު ހިޒް ހައިނަސް ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީ އަށާއި، ޤަތަރުގެ ސަރުކާރަށާއި އެ ޤައުމުގެ ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އަދި ދިވެހިރާއްޖެ އާ ޤަޠަރާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމަށް ރިޔާއަށްކުރައްވާ، ތަރައްޤީގެ  މަޝްރޫޢުތަކަށް ޤަޠަރުން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި ސަފީރުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަންދެއްވައި، ދެ ޤައުމުގެ ދެމެދު ތަފާތު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

ޤަޠަރު އަމީރުގެ ވާހަކަފުޅުގައި ސަފީރުކަމުގެ އައު ދައުރު ފެއްޓެވުމާއި ގުޅިގެން ސަފީރު އާދަމް ޝަރީފު ޢުމަރަށް  މަރުހަބާ ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭއިން ޤަޠަރަށް ކަނޑައަޅުއްވާފައި ހުންނަވާ  ސަފީރުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާކަން ހާމަކުރެއްވިއެވެ. 

ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތުގައި، ސަފީރު އާދަމް ޝަރީފު ޢުމަރުގެ އަރިހުގައި ޤަޠަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ  މުޙައްމަދު ތަޙްސީން ބައިވެރިވެވަޑައިގަތެވެ.

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960