Ref: 2026/PR/158
ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އަލްފާޟިލާ އިރުތިޝާމް އާދަމް ގެ އަރިހަށް ޑޮމިނިކަން ރިޕަބްލިކްގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސެލެންސީ ފްރަންސިސްކޯ މެނުއެލް ކޮމްޕްރޭ ހަރނަންޑެޒް އިޙްތިރާމްގެ ޒިޔާރަތެއް މިއަދު ހެނދުނު ކުރައްވައިފިއެވެ.
ވަޒީރު އިރުތިޝާމް އާދަމް ވަނީ ސަފީރު ފްރަންސިސްކޯ މެނުއެލް ކޮމްޕްރޭ ހަރނަންޑެޒް، އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަށް މިއަދު އެރުވުމުން އެ މަނިކުފާނަށް ތަހުނިޔާ ވިދާޅުވެފައެވެ. ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ސަފީރު ފްރަންސިސްކޯ މެނުއެލް ކޮމްޕްރޭ ހަރނަންޑެޒް ޚާރިޖީ ވަޒީރަށް ޝުކުރު އަދާކުރައްވައި، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދިވެހިރާއްޖެ އާއި ޑޮމިނިކަން ރިޕަބްލިކް އާއި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްޕުޅުކުރައްވާނެ ކަމުގެ ޔަޤީންކަން އެރުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ޚާރިޖީ ވަޒީރާއި ޑޮމިނިކަން ރިޕަބްލިކް ސަފީރުގެ ވާހަކަފުޅުގައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި މަލްޓިލެޓަރަލްގެ ގުޅުމާއި ފަތުރުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
ވަޒީރު އިރުތިޝާމް ގެ އަރިހުގައި ފޮރިން ސެކްރެޓަރީ އަލްފާޟިލާ ފާޠިމަތު ޢިނާޔާ، ސެކްރެޓަރީ ޑރ. ހާލާ ޙަމީދު އާއި ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އަލްފާޟިލް އަޙްމަދު ހާނީ ނަޢީމް ގެ އިތުރުން ޑެޕިއުޓީ ޑެސްކް އޮފިސަރ އަލްފާޟިލާ އާމިނަތު މައިސާ ލަޠީފް ބައިވެރިވެވަޑައިގެންނެވިއެވެ.
ނިމުނީ.