އެންޑޯރާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު، ހަރ އެކްސެލަންސީ އިމާ ތޮރު ފައުޒް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އަލްފާޟިލާ އިރުތިޝާމް އާދަމް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ.
"ޕްރިންސިޕަލިޓީ އޮފް އެންޑޯރާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ކަމަނާއަށާއި އެންޑޯރާގެ ސަރުކާރާއި ރައްޔިތުންނަށް ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ތަހުނިޔާ ދެންނެވުމަކީ އަޅުގަނޑަށް ލިބޭ ނުހަނު ބޮޑު އުފަލެކެވެ.
ދިވެހިރާއްޖެއާއި އެންޑޯރާ އާ ދެމެދު އޮތް އެކުވެރިކަމުގެ ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ވަރުގަދަކުރުމަށް ކަމަނާއާ ގުޅިގެން މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަމެވެ.
އަޅުގަނޑު ކަމަނާއަށް ކުރާ މަތިވެރި ޤަދަރުއާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް، މި ފުރުސަތުގެ ބޭނުންކުރީމެވެ."