ޚަބަރު

އިރާނުގެ  ސުޕްރީމް ލީޑަރ ގެ ޖަނާޒާއާ ގުޅޭ
Featured

އިރާނުގެ ސުޕްރީމް ލީޑަރ ގެ ޖަނާޒާއާ ގުޅޭ

Ref: 2026/PR/138

އިރާނުގެ ސުޕްރީމް ލީޑަރ، ޝަހީދު އާޔަތުالله އަލީ ޙާމަނާއީ އަވަހާރަވުމާ ގުޅިގެން 03 ޖުލައި ވާ ހުކުރު ދުވަހު އެ މަނިކުފާނުގެ ރަސްމީ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވާކަމަށާއި، އެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް  ދިވެހި ސަރުކާރަށް ދައުވަތުވަނީ ދެއްވާފައެވެ.  

އަދި އެ ދަޢުވަތުގައި ރާއްޖޭގެ ފަރާތުން ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވާނީ ދިވެހިރާއްޖޭން ސަޢުދީ އަރަބިއްޔާއަށާއި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަލްފާޟިލް އަޙްމަދު ސަރީރު ކަމުގައި ވާނީ އިރާން ސަރުކާރަށް ރަސްމީކޮށް އަންގާފައެވެ.  

ސަފީރު ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގަންނަވާ ވަގުތު ކައިރިވެފައި ވަނިކޮށް  އިރާން އެމްބަސީން އަންގަވާފައިވަނީ ބޭރުޤައުމުތަކުގެ ވަފުދުތަކަށް ޕްރޮޓޮކޯލް އިންތިޒާމް ހަމަޖެއްސުމުގެ އުޞޫލު މިހާރު ހަމަޖެހިފައިވާގޮތުން ސަފީރުންގެ ލެވެލްގައި ބައިވެރިވެވަޑައިނުގެންނެވޭނެ ކަމަށެވެ. އަދި މި މަޢުލޫމާތު ލިބުމާގުޅިގެން، މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ ފެންވަރުގެ ބޭފުޅެއް ރާއްޖެއިން ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް އިރާނަށް ދަތުރުފުޅު ކުރެއްވުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރެވުނެވެ. ތެހްރާންއަށް  ދިއުމުގެ ފްލައިޓްތަކަށް ހުއްދަދެވޭ ސުންގަޑި ކައިރިވެފައިވާކަމަށާއި،  ސްޓޭޓް މިނިސްޓަރ ރާއްޖެއިން ފުރާވަޑައިގެން ތެހްރާނަށް ވަޑައިގެންނެވޭނީ، ޖަނާޒާގެ ރަސްމީބައި ނިމޭފަހުން ކަމުގައިވާތީއާއި، ދިވެހިރާއްޖެއިން ސްޓޭޓް މިނިސްޓަރެއް މި ޖަނާޒާގައި ބައިވެރިކުރުމަށް ނިންމެވި ނިންމެވުމަށް އިރާން ސަރުކާރުން ޝުކުރުއަދާ ކުރައްވާކަން އެންގެވިއެވެ. އަދި  އެ ދަތުރުފުޅު މި ވަގުތު ކުރެއްވުމުގެ ބަދަލުގައި ފަހުގެ ތާޜީޚެއްގައި ސަރުކާރުގެ އިސްބޭފުޅަކު ކުރެއްވުމަށް ލަފާދެއްވިއެވެ. 

އިރާންގެ ސުޕްރީމް ލީޑަރ އަވަހާރަވުމާގުޅިގެން، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ޚާރިޖީ ވަޒީރުގެ  ތައުޒިޔާގެ މެސެޖެއް އިރާން ގެ ޚާރިޖީ ވަޒީރަށްވަނީ ފޮނުވިފައެވެ. 

ނިމުނީ

 

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960