ޚަބަރު

ކެނެޑާ އިން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާ އައު ސަފީރު ޚާރިޖީ ވަޒީރު އަލްފާޟިލާ އިރުތިޝާމް އާދަމް ގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
Featured

ކެނެޑާ އިން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާ އައު ސަފީރު ޚާރިޖީ ވަޒީރު އަލްފާޟިލާ އިރުތިޝާމް އާދަމް ގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

Ref: 2026/PR/162

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އަލްފާޟިލާ އިރުތިޝާމް އާދަމް ގެ އަރިހަށް ކެނެޑާގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހަރ އެކްސަލަންސީ އިޒަބެލް ކެތެރިން މާރޓިން އިޙްތިރާމްގެ ޒިޔާރަތެއް މިއަދު ހެނދުނު ކުރައްވައިފިއެވެ.

ވަޒީރު އިރުތިޝާމް އާދަމް ވަނީ ސަފީރު އިޒަބެލް ކެތެރިން މާރޓިން، އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑރ.  މުޙައްމަދު މުޢިއްޒު އަށް މިއަދު އެރުވުމުން އެ ކަމަނާ އަށް ތަހުނިޔާ ވިދާޅުވެފައެވެ. ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. 

ސަފީރު އިޒަބެލް ކެތެރިން މާރޓިން ޚާރިޖީ ވަޒީރަށް ޝުކުރު އަދާކުރައްވައި، އެކަމަނާގެ ސަފީރުކަމުގެ ދައުރުގައި ދިވެހިރާއްޖެ އާއި ކެނެޑާ އާއި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްޕުޅުކުރައްވާނެ ކަމުގެ ޔަޤީންކަން އެރުވިއެވެ. 

މި ބައްދަލުކުރެއްވުމުގައި ޚާރިޖީ ވަޒީރާއި ކެނެޑާ ސަފީރުގެ ވާހަކަފުޅުގައި ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ތަޢުލީމާއި ފަތުރުވެރިކަމާއި އިޤްތިސާދީ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި މަލްޓިލެޓަރަލް ފޯރަމްތަކުގައި އެކުގައި މަސައްކަތް ކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައި އެކުގައި މަސައްކަތްކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.

ވަޒީރު އިރުތިޝާމް އާދަމް ގެ އަރިހުގައި ފޮރިން ސެކްރެޓަރީ، އަލްފާޟިލާ ފާޠިމަތު ޢިނާޔާ، ސެކްރެޓަރީ، ޑރ. ހާލާ ޙަމީދު އާއި އެސިސްޓަންޓް ޑިރެކްޓަރ އަލްފާޟިލާ އާމިނަތު ވަރުދާ ގެ އިތުރުން ޑެޕިއުޓީ ޑެސްކް އޮފިސަރ އަލްފާޟިލާ އާމިނަތު މައިސާ ލަޠީފް ބައިވެރިވެވަޑައިގެންނެވިއެވެ.

ނިމުނީ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960