ޚަބަރު

ކޮލަންބޯ ސެކިއުރީޓީ ކޮންކްލޭވްގެ 7 ވަނަ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ ބައްދަލުވުމުގެ ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓް
Featured

ކޮލަންބޯ ސެކިއުރީޓީ ކޮންކްލޭވްގެ 7 ވަނަ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ ބައްދަލުވުމުގެ ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓް

Ref: 2025/PR/364

ކޮލަންބޯ ސެކިއުރިޓީ ކޮންކްލޭވް (ސީ.އެސް.ސީ.) ގެ 7 ވަނަ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ފެންވަރުގެ ބައްދަލުވުން އިންޑިއާގެ ނިއުދިއްލީގައި 20 ނޮވެމްބަރ 2025 ގައި ވަނީ ބާއްވާފައިއެވެ. އިންޑިއާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ މިސްޓަރ އަޖިތު ޑޯވަލް ކޭ.ސީ. ވަނީ މޯލްޑިވްސް، މޮރިޝަސް، ސްރީލަންކާ އަދި ބަންގްލަދޭޝް ހިމެނޭ މެންބަރު ޤައުމުތަކުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުން ހޯސްޓްކުރައްވާފައިއެވެ. މި ބައްދަލުވުމުގައި ސީޝެލްސް އޮބްޒާވަރ ސްޓޭޓެއްގެ ގޮތުގައި، އަދި މެލޭޝިއާގެ ގެސްޓު ގައުމެއްގެ ގޮތުގައިވެސް ބައިވެރިވިއެވެ.

ސީ.އެސް.ސީ. އެކުލަވާލެވުނީ ސަލާމަތީ މުހިންމު ކަންކަމުގައި މެންބަރު ގައުމުތަކުގެ މެދުގައި އެއްބާރުލުން ދިނުމަށާއި، އިންޑިއާ ކަނޑުގެ ސަރަހައްދީ މެންބަރު ގައުމުތަކަށް ކުރިމަތިވާ ނުރައްކާތަކާއި ގޮންޖެހުންތަކަށް ހައްލު ހޯދައިދީ ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ގުޅުން ހަރުދަނާކުރުމަށެވެ. ސީ.އެސް.ސީ. ގެ ފަހުމުނާމާއާއި ފައުންޑިންގ ޑޮކިއުމަންޓްތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 2024 ވަނަ އަހަރުގެ އޮގަސްޓު މަހު ސްރީލަންކާގައިއެވެ.

އަދި 7 އިން 8 ޑިސެމްބަރު 2023 ގައި މޮރިޝަސްގައި ބޭއްވި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ފެންވަރުގެ 6 ވަނަ ބައްދަލުވުމުގައި ނިންމި ނިންމުންތައް އިންޑިއާއިން އައްޔަންކުރި ފުރަތަމަ ސެކްރެޓަރީ

ޖެނެރަލް ވަނީ މި ބައްދަލުވުމުގައި ހުށަހަޅާފައެވެ. އަދި އޭގެ ފަހުން އެއްބާރުލުމުގެ ފަސް ތަނބު ކަމަށްވާ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމާއި، ޓްރެފިކިން އަދި ޤައުމުތަކުގެ ބޯޑަރުތައް ހުރަސްކޮށް ރާވައިގެން ހިންގާ ކުށްތައް ހުއްޓުވުމާއި، ސައިބަރ ސެކިއުރިޓީއާއި އުމްރާނީ ވަސީލަތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތް ކުރުމާއި، އިންސާނީ އެހީތެރިކަމާއި ކާރިސާތަކާ ގުޅިގެން އެހީތެރިވެދިނުމުގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތްތަކާ ބެހޭ ފުރިހަމަ ރިވިއުއެއް ސީ.އެސް.ސީ. ގެ މެންބަރު ގައުމުތަކަށް ހުށަހަޅާފައެވެ.

މި ޕިލަރތަކުގެ ތެރެއިން ތަމްރީނުތަކާއި ކެޕޭސިޓީ ބިލްޑިންގާއި އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ވެސް ސީ.އެސް.ސީ. ގެ މެންބަރު ގައުމުތަކުން ވަނީ މަޝްވަރާކުރައްވާފައިއެވެ. އަދި ރިޕަބްލިކް އޮފް ސީޝެލްސް ސީ.އެސް.ސީ. ގެ މެންބަރެއްގެ ގޮތުގައި ބައިވެރިވުމަށް ސީ.އެސް.ސީ. ގެ މެންބަރު ގައުމުތަކުން މި ބައްދަލުވުމުގައި ވަނީ ނިންމަވާފައިއެވެ.

މެންބަރު ގައުމުތަކުގެ ވަފުދުތަކުގައި އިސްކޮށް ތިއްބެވީ ރިޕަބްލިކް އޮފް މޯލްޑިވްސްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ، ހިޒް އެކްސެލެންސީ އިބްރާހިމް ލަތީފް، ޑީސީ (ރޓ)، ލޓކލ (ރޓ)؛ ރިޕަބްލިކް އޮފް މޮރިޝަސްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ރާހުލް ރަސްގޯޓްރާ؛ އަދި ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާގެ މިނިސްޓްރީ އޮފް ޑިފެންސްގެ ސެކްރެޓަރީ، އެއާ ވައިސް މާޝަލް ސަމްޕަތު ތުޔާކޮންތާ (ރޓ)؛ އަދި ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ޑރ.ޚަލީލުއްރަޙްމާން އެވެ.

ސީޝެލްސްގެ ވަފުދުގެ އިސްވެރިއަކަށް ހުންނެވީ ރިޕަބްލިކް އޮފް ސީޝެލްސް ޑިފެންސް ފޯސަސްގެ ޗީފް އޮފް ޑިފެންސް ފޯސަސް މޭޖަރ ޖެނެރަލް މައިކަލް ރޮސެޓް އެވެ. މެލޭޝިއާއިން ފުރަތަމަ ފަހަރަށް މެހެމާނެއްގެ ގޮތުގައި ބައިވެރިވިއިރު، ބައިވެރިވެވަޑައިގަތީ މެލޭޝިއާގެ ޤައުމީ ސަލާމަތީ މަޖިލީހުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ބަދުރުލް ޝާހް މުޙައްމަދު އިދްރީސް އެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960