ޚަބަރު

ކޮސޯވޯ އިން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާ އައު ސަފީރު ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
Featured

ކޮސޯވޯ އިން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާ އައު ސަފީރު ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

Ref: 2026/PR/154

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އަލްފާޟިލާ އިރުތިޝާމް އާދަމް ގެ އަރިހަށް ކޮސޯވޯ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސަލަންސީ ލުލްޒިމް ޕްލާނާ މިއަދު އިޙްތިރާމުގެ ޒިޔާރަތެއްކުރައްވައިފިއެވެ. 

ޚާރިޖީ ވަޒީރު އިރުތިޝާމް ވަނީ ސަފީރު ޕްލާނާ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަށް އެރުވުމުން ތަހުނިޔާ ދަންނަވާފައެވެ. ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. 

މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރުގެ ވާހަކަފުޅުގައި، ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ދިވެހިރާއްޖެ އާއި ކޮސޯވޯ އާ ދެމެދު އޮންނަ ގުޅުން ބަދަހިކުރެއްވުމުގައި އެކަމަނާ ދެމިހުންނާނެ ކަމުގެ ވިދާޅުވިއެވެ. 

ސަފީރު ލުލްޒިމް ޕްލާނާ ވަނީ ޚާރިޖީ ވަޒީރު އިރުތިޝާމް އަށް ޝުކުރު ދަންނަވައި، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ފަތުރުވެރިކަމާއި ތަޢުލީމީ ދާއިރާ ފަދަ ދެ ޤައުމަށްވެސް ފައިދާހުރި ދާއިރާތަކުން ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމަށް ގުޅިގެން މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމުގެ ޔަޤީންކަން އަރުވާފައެވެ. 

މި ބައްދަލުވުމުގައި ވަޒީރު އިރުތިޝާމް އާދަމް ގެ އަރިހުގައި ސެކްރެޓަރީ، ޑރ. ހާލާ ޙަމީދު އާއި ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލާ އާމިނަތު ރަނާ ޙުސައިން ޝިހާމް އާއި ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ، އަލްފާޟިލް އަޙްމަދު ހާނީ ނަޢީމްގެ އިތުރުން ޑެޕިއުޓީ ޑެސްކް އޮފިސަރ އަލްފާޟިލާ ޚަދީޖާ އަވްފިޔާއު ބައިވެރިވެވަޑައިގެންނެވިއެވެ. 

ނިމުނީ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960