މެލޭޝިއާގެ މިނިވަންދުވަހުގެ މުނާސަބަތުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް މެލޭޝިއާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ހިޒް އެކްސެލެންސީ ދާތޯ ސްރީ އުތާމާ ހާޖީ މުޙައްމަދު ބިން ހާޖީ ހަސަން އަށް ތަހުނިޔާގެ ސިޓީއެއް ފޮނުއްވައިފިއެވެ.
މިނިސްޓަރ އިރުތިޝާމް ފޮނުއްވި ސިޓީގައި، މެލޭޝިއާގެ ސަރުކާރާއި އެޤައުމުގެ ރައްޔިތުންނަށް މިނިވަންދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސް ކުރައްވައި، އަދި ދިވެހިރާއްޖެއާ މެލޭޝިއާ އާއި ދެމެދު އޮތް ޒަމާންވީ ގާތް އެކުވެރި ގުޅުން އިތުރަށް ފަހިވެގެންދާނެ ކަމުގެ ޔަގީންކަން އޮތްކަން އެމަނިކުފާނަށް ކަށަވަރުކޮށްދެއްވިއެވެ.
މީގެ އިތުރުން، ދެ ޤައުމަށް ފައިދާހުރި ދާއިރާތަކުން ގުޅުން އިތުރަށް ހަރުދަނާކުރުމަށް މެލޭޝިއާ ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވާނެކަމަށް އެކަމަނާގެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.
ނިމުނީ