Ref: 2026/PR/77
ދިވެހިރާއްޖޭގެ ޤައުމީ ސިޔާދަތު ރައްކާތެރިކުރުމާއި، ޤައުމީ މަސްލަހަތު އިސްކުރުމާއި، އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމުގެ މައްޗަށް ބިނާވެފައިވާ "މޯލްޑިވްސް ފަސްޓް" ސިޔާސަތަކީ ދިވެހި ސަރުކާރުގެ ޚާރިޖީ ސިޔާސަތެވެ. މި ސިޔާސަތަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކަށް އިޙުތިރާމްކުރާ، ޒިންމާދާރު އަދި މިނިވަން ސިޔާސަތެކެވެ. އަދި ދޭދޭ ޤައުމުތަކާއި ބައިނަލްއަޤުވާމީ ބައިވެރިންނާއެކު ބިނާކުރަނިވި ގުޅުމެއް ބޭއްވުމަށް ސަރުކާރުން ދޭ އަހަންމިއްޔަތު މިސިޔާސަތުން ހާމަކޮށްދެއެވެ.
މިނިވަން މުސްތަޤިއްލު ދައުލަތެއްގެ ހައިސިއްޔަތުން، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންކޮށް ކުރިއަށް ގެންދަނީ ޤައުމީ މަސްލަހަތުގެ މައްޗަށް ބިނާވެފައިވާ، ކަނޑައެޅިފައިވާ ނިޒާމުތަކުގެ ތެރެއިންނެވެ. މިގޮތުން ރާއްޖޭގެ ތަރައްޤީގެ ބައިވެރިންނާއެކު އޮންނަ ޒަމާންވީ ގުޅުންތަކަށާއި، އެކަކު އަނެކަކަށް ކުރާ އިޙުތިރާމާއި ދެފަރާތުގެ މަސްލަހަތުގެ މައްޗަށް ބިނާވެފައިވާ ގާތް ގުޅުމެއް، ހުރިހާ ޤައުމުތަކާއެކު ބޭއްވުމަށް ދިވެހިރާއްޖެއިން ނުހަނު ބޮޑު އިސްކަމެއް ދެއެވެ. އަދި، ސަރަޙައްދީ ޞުލްޙަ މަސަލަސްކަމާއި، ކަނޑުގެ ސަލާމަތާއި، ދެމެހެއްޓެނިވި ތަރައްޤީ ފަދަ ކަންކަމުގައި، ޤައުމުތަކާއި ޖަމްޢިއްޔާތަކާއެކު އޮންނަ އެއްބާރުލުން ހަމަހަމަ އަދި ބިނާކުރަނިވި ގޮތެއްގައި ވަރުގަދަކުރުމަށް ސަރުކާރުން ދެމިއޮންނާނެއެވެ.
ޚާރިޖީ ސިޔާސަތާއި، ސަރަޙައްދީ ސަލާމަތާއި، ބައިނަލްއަޤުވާމީ ގުޅުންތަކާ ގުޅޭގޮތުން، ޚާއްޞަކޮށް ދައުލަތުގެ މަތީ މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން ފާޅުކުރައްވާ ހިޔާލުތަކަކީ އޭގެ ސަބަބުން ނޭދެވޭ ނަތީޖާތަކެއް ނުކުމެދާނެ ކަންކަމެވެ. އެހެންކަމުން މިފަދަ ވާހަކަތަކަކީ ޙަޤީޤަތުގެ މައްޗަށް ބިނާވެފައިވާ، ޤައުމީ އެއްބައިވަންތަކަމަށާއި ރާއްޖޭގެ މުވައްސަސާތަކަށް އޮންނަ އިތުބާރު ބޮޑުކުރުމަށް ބާރުއަޅާ ވާހަކަތަކަކަށް ވާންޖެހެއެވެ. އަދި، ޤައުމީ މަސްލަހަތާއި ބޭރު ޤައުމުތަކާއެކު އޮންނަ ގުޅުންތަކަށް އަސަރުކުރާ ފަދަ ކަންކަމުގައި ވާހަކަދައްކާއިރު، ނުހަނު ބޮޑަށް ސަމާލުވެ، ޙިކުމަތްތެރިކަން އިސްކުރުމުގެ މުހިންމުކަން މިނިސްޓްރީން ފާހަގަކުރަމެވެ.
ދޭދޭ ޤައުމުތަކާއި ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކާއެކު އޮންނަ ގުޅުންތައް އިތުރަށް ބަދަހިކުރުމަށާއި، ރާއްޖޭގެ ސިޔާދަތާއި، ކަރާމާތާއި، ދިގު މުއްދަތުގެ މަސްލަހަތުތައް ރަމްޒުކޮށްދޭ ޚާރިޖީ ސިޔާސަތެއް ކުރިއެރުވުމުގައި ދިވެހި ސަރުކާރު ސާބިތުކަމާއެކު ދެމިއޮންނާނެއެވެ.