ޚަބަރު

ޕޯޗުގަލް އިން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާ އައު ސަފީރު ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
Featured

ޕޯޗުގަލް އިން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާ އައު ސަފީރު ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

Ref: 2026/PR/160

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އަލްފާޟިލާ އިރުތިޝާމް އާދަމް ގެ  އަރިހަށް ޕޯޗުގަލް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސަލަންސީ ޔޮއާއޯ މަނުއެލް މެންޑޭޒް ރިބޭރޯ ޑެ އަލްމެއިޑާ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. 

ވަޒީރު އިރުތިޝާމް ވަނީ ސަފީރު ރިބޭރޯ ޑެ އަލްމެއިޑާ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑރ.  މުޙައްމަދު މުޢިއްޒު އަށް މިއަދު އެރުވުމުން އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވެ، ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި އަދި ދެޤައުމަށް ފައިދާހުރި ދާއިރާތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. 

އަދި، ސަފީރު ރިބިއޭރޯ ޑެ އަލްމޭޑާ، ވަނީ ޚާރިޖީ ވަޒީރަށް ޝުކުރު އަދާކުރައްވައި، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދިވެހިރާއްޖެ އާއި ޕޯޗުގަލް އާ ދެމެދު އޮތް ބައިލެޓަރަލް އަދި މަލްޓިލެޓަރަލް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ. 

މި ބައްދަލުވުމުގައި ވަޒީރު، އިރުތިޝާމް އާދަމްގެ އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަލްފާޟިލާ ޝެރީނާ ޢަބްދުއްޞަމަދު އާއި ސެކްރެޓަރީ، ޑރ. ހާލާ ހަމީދުގެ އިތުރުން ޑެޕިއުޓީ ޑެސްކް އޮފިސަރ، އަލްފާޟިލާ ޚަދީޖާ އަވްފިޔާއު ބައިވެރިވެވަޑައިގެންނެވިއެވެ. 

ނިމުނީ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960