ޚަބަރު

ޤަޠަރުން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާ އައު ސަފީރު ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
Featured

ޤަޠަރުން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާ އައު ސަފީރު ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

Ref: 2026/PR/156

ޤަޠަރު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސެލަންސީ ޙަމަދު މުޙައްމަދު ޢަބްދުﷲ އަލްސަނަދު އަލްދައުސަރީ، ޚާރިޖީ ވަޒީރު، އަލްފާޟިލާ އިރުތިޝާމް އާދަމް ގެ  އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ޤަޠަރުގެ ސަފީރަށް އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަށް އެރުވުމުން ތަހުނިޔާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު އިރުތިޝާމް،  ޤަޠަރުގެ ކުރީގެ އަމީރު، ހިޒް ހައިނަސް ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމާ ގުޅިގެން، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ފަރާތުން، ޤަޠަރު ސަރުކާރަށާއި، ޝާހީ އާއިލާއަށާއި، ޤަޠަރުގެ ރައްޔިތުންނަށް ތަޢުޒިޔާ ދަންނަވާފައެވެ. 

މީގެ އިތުރުން، ދިވެހިރާއްޖެއަށް ޤަޠަރު ސަރުކާރުން ދެއްވަމުންގެންދަވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި، ޝުކުރުއަދާ ކުރެއްވިއެވެ. އަދި ކުރީގެ އަމީރު ދިވެހިރާއްޖޭގެ ތަރައްޤީއަށް ކޮށްދެއްވާފައިވާ އަގުނުކުރެވޭފަދަ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައިި، އެ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ދެ ޤައުމުގެ ޒަމާންވީ ގުޅުމުގެ މައްޗަށް ދެ ބޭފުޅުން އަލިއަޅުއްވާލައްވައި، ދެޤައުމުގެ ދެމެދު ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމުގެ މައްޗަށް މަޝްވަރާ ކުރެއްވިއެވެ.

މިބައްދަލުވުން ނިންމަވާލައްވަމުން ދިވެހިރާއްޖެއަށާއި ޤަޠަރަށް ފައިދާހުރި ކަންކަމުގައި އެކުއެކީގައި މަސައްކަތްކުރުމުގެ ޔަޤީންކަން ދެބޭފުޅުން ދެއްވިއެވެ. 
 
ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ގެ އަރިހުގައި ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ، ސެކްރެޓަރީ ޑރ. ހާލާ ޙަމީދު، ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ޙަމީދު، އެޑިޝަނަލް ސެކްރެޓަރީ ޚަދީޖާ ނަޖީހާ، ސީނިއަރ އަންޑަރ ސެކްރެޓަރީ ފާތިމަތު ނަޢީމާގެ އިތުރުން އެސިސްޓަންޓް ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ޝުޖާޢު ބައިވެރިވެވަޑައިގެންނެވިއެވެ.

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960