ޚަބަރު

ޤައުމީ ދިފާޢީ ބާރުގެ ޑައިވަރު ، ސްޓާފް ސާޖަންޓް  މުޙައްމަދު މަހުދީ ނިޔާވި ޚަބަރާއި ގުޅިގެން އިޓަލީވިލާތުގެ ޚާރިޖީ ވަޒީރު އެންޓޯނިއޯ ޓަޔާނީ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފި
Featured

ޤައުމީ ދިފާޢީ ބާރުގެ ޑައިވަރު ، ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ނިޔާވި ޚަބަރާއި ގުޅިގެން އިޓަލީވިލާތުގެ ޚާރިޖީ ވަޒީރު އެންޓޯނިއޯ ޓަޔާނީ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފި

Ref: 2026/PR/87

ޤައުމީ ދިފާޢީ ބާރުގެ ޑައިވަރު، ސްޓާފް ސާޖަންޓް  މުޙައްމަދު މަހުދީ ނިޔާވި ޚަބަރާއި ގުޅިގެން އިޓަލީވިލާތުގެ ޚާރިޖީ ވަޒީރު އެންޓޯނިއޯ ޓަޔާނީ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ

އިޓަލީވިލާތުގެ ޚާރިޖީ ވަޒީރުގެ މެސެޖުގައި، ފެލިދެއަތޮޅުގައި ފީނަން ގޮސް އުޅުމުގެ ތެރޭގައި ގެއްލުނު، އިޓަލީވިލާތަށް ނިސްބަތްވާ 5 ޑައިވަރުންގެ ތެރެއިން އެކަކު ނިޔާވެ، އިތުރު ހަތަރު ޑައިވަރުން ގެއްލުނު ހިތާމަވެރި ހާދިސާ އާ ގުޅިގެން، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ފޮނުއްވި ތަޢުޒިޔާގެ މެސެޖަށް ޝުކުރު އަދާ ކުރައްވާފައިވެއެވެ. އަދި  ގެއްލިފައިވާ އިޓަލީ ގެ ފަތުރުވެރިން ހޯދަން ފީނަމުންދިޔަ ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ހިތްވަރުގަދަ ފައުޖުގެ ސްޓާފް ސާޖަންޓް  މުޙައްމަދު މަހުދީ ނިޔާވި ޚަބަރަކީ،  އިޓަލީވިލާތަށް ކުރިމަތިވެފައިވާ ހިތާމަވެރި ދުވަސްތަކަށް އިތުރު ހިތްދަތިކަމެއް ގެނެސްދިންކަމެއް ކަމުގައި އެ މަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.  

ދިވެހިރާއްޖެއަށް ދިމާވި މި ހިތާމައިގައި ބައިވެރިވެވަޑައިގެން، އިޓަލީ ސަރުކާރާއި ރައްޔިތުންގެ ނަމުގައި، އަދި އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ދިވެހި ސަރުކާރަށާއި، ޤައުމީ ދިފާއީ ބާރަށާއި، ދިވެހި ރައްޔިތުންނަށް ތަޢުޒިޔާ ވިދާޅުވެފައިވެއެވެ. 

މި ހިތާމަވެރި ހާދިސާގެ ސަބަބުން އަސަރުކޮށްފައިވާ ޢާއިލާތަކަށް ލިބިފައިވާ ފުން ހިތާމާގައި ފުރިހަމައަށް ދެ ޤައުމުގެ ރައްޔިތުން އެކުގައި ބައިވެރިވާ ކަމަށާއި، އަދި އެ ޢާއިލާތަކަށް ކެތްތެރިކަން ލިބުމަށް އެދިވަޑައިގަންނަވާ ކަމުގައި ވެސް އެ މަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ. 

މީގެ އިތުރުން، ގެއްލުނު ފަތުރުވެރިން ހޯދުމުގައި ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަކުރައްވައި، އެކަމަށް ޝުކުރުއަދާ ކުރެއްވިއެވެ. އަދި ފަތުރުވެރިން ހޯދުމަށް ކުރިއަށްގެންދާ ޚާއްޞަ އޮޕަރޭޝަން އަށް އިޓަލީވިލާތުގެ ސަރުކާރުގެ އެހީތެރިކަމާއި ފުރިހަމަ އެއްބާރުލުން ފޯރުކޮށްދެއްވުމަށް ތައްޔާރަށް ތިއްބެވިކަމަށްވެސް އެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960