ޚަބަރު

ސީޝެލްސްގެ ޚާރިޖީ ވަޒީރު ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފި
Featured

ސީޝެލްސްގެ ޚާރިޖީ ވަޒީރު ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފި

Ref: 2026/PR/89

ސީޝެލްސްގެ ޚާރިޖީ ވަޒީރު ބެރީ ފޯ ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ފުރާވަޑައިގެންފިއެވެ. 

މި ދަތުރުފުޅުގައި ސީޝެލްސް ގެ ޚާރިޖީ ވަޒީރު ބެރީ ފޯރ ވަނީ، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްއާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ވަކީން ހާއްސަކޮށް، ފަތުރުވެރިކަމުގެ ދާއިރާއިންނާއި، ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން، އަދި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ އިތުރުން ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި މީގެ އިތުރުން، ކުދި ޖަޒީރާ ޤައުމުތަކުގެ ހައިސިއްޔަތުން ސަރަހައްދީ އަދި ބައިނަލްއަޤުވާމީ މައިދާނުގައި ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުންވެސް ދެ ވަޒީރުން ޚިޔާލު ބަދަލުކުރެއްވިއެވެ. 
ސީޝެލްސްގެ ޚާރިޖީ ވަޒީރުގެ ދަތުރުފުޅުގެ އެންމެ މުހިއްމު ކަމެއްގެ ގޮތުގައި، މި މެއި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖެއާއި، ސޭޝެލްސްއާ ދެމެދު ކުރު މުއްދަތަކަށް ވިސާއާ ނުލައި ދަތުރުކުރެވޭ އެއްބަސްވުމަށް އަމަލުކުރަން ފެށުނުކަން، ދެޤައުމުންވެސް ވަނީ އިޢުލާންކޮށްފައެވެ. އަދި މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ ރައްޔިތުންނަށްވެސް 30 ދުވަހުގެ މުއްދަތަށް ވިސާއާ ނުލައި ދަތުރު ކުރެވޭނެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

މި ދަތުރުފުޅުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙު ކުރެއްވި 'ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި' ބައިވެރިވުމުގެ ގޮތުން ދެ ޤައުމުގެ ޚާރިޖީ ވަޒީރުން ވަނީ ލޮނުޒިޔާރަތް ޕާކުގައި ބޭއްވުނު ރަސްމިއްޔާތެއްގައިވަނީ ގަސް އިންދަވާފައެވެ. މިއީ، ތިމާވެށި ހިމާޔަތް ކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި ޖަޒީރާ ޤައުމުތަކެއްގެ ގޮތުން ރާއްޖެއާއި ސީޝެލްސްއިން ދޭ އަހައްމިއްޔަތު ރަމްޒުކޮށްދޭ ކަމެކެވެ.
ސީޝެލްސް ގެ ޚާރިޖީ ވަޒީރު ދިވެހިރާއްޖެއަށް ކުރެއްވި ދަތުރުފުޅަކީ ސީޝެލްސްގެ ޚާރިޖީ ވަޒީރަކު ދިވެހިރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އަދި، މިދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމާއި އެއްބާރުލުން އިތުރަށް ބަދަހިވެގެންދިއައެވެ. 

ސީޝެލްސްގެ ޚާރިޖީ ވަޒީރު ބެރީ ފޯ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އަލްވަދާޢު ދެންނެވީ، ޚާރިޖީ ވުޒާރާގެ އިސް ބޭފުޅުން ނެވެ. 

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960