ޚަބަރު

ސްލޮވީނިއާ އިން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާ އައު ސަފީރު ޚާރިޖީ ވަޒީރު އަލްފާޟިލާ އިރުތިޝާމް އާދަމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
Featured

ސްލޮވީނިއާ އިން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާ އައު ސަފީރު ޚާރިޖީ ވަޒީރު އަލްފާޟިލާ އިރުތިޝާމް އާދަމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

Ref: 2026/PR/152

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އަލްފާޟިލާ އިރުތިޝާމް އާދަމްގެ އަރިހަށް ސްލޮވީނިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސެލެންސީ ތޮމާޝް މެންސިން މިއަދު އިޙްތިރާމްގެ ޒިޔާރަތެއްކުރައްވައިފިއެވެ. 

މި ބައްދަލުކުރެއްވުމުގައި ވަޒީރު އިރުތިޝާމް އާދަމް، ސަފީރު ތޮމާޝް މެންސިން، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަށް މިއަދު ހެނދުނު އެރުވުމުން އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވިއެވެ. 

މިބައްދަލުވުމުގައި ޚާރިޖީ ވަޒީރު ދެއްކެވި ވާހަކަފުޅުގައި، ތަޢުލީމާއި މޫސުމަށް އަންނަ ބަދަލުތަކާއި ވިޔަފާރި އަދި ފަތުރުވެރިކަމުގެ ދާއިރާއިންނާއި މަލްޓިލެޓަރަލް ގުޅުން ބަދަހިކުރުމަށް ދެ ޤައުމު އެކުގައި މަސައްކަތްކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ވަޒީރު ވަނީ ސްލޮވޭނިއާ އާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. 

ސަފީރު ތޮމާޝް މެންސިން ޚާރިޖީ ވަޒީރަށް ޝުކުރު އަދާކުރައްވައި، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ސްލޮވީނިއާ އާއި ދިވެހިރާއްޖެ އާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން އެރުވިއެވެ.

ވަޒީރު އިރުތިޝާމް އާދަމްގެ އަރިހުގައި ފޮރިން ސެކްރެޓަރީ އަލްފާޟިލާ ފާޠިމަތު ޢިނާޔާ އާއި ސެކްރެޓަރީ ޑރ. ހާލާ ޙަމީދު އާއި ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ޝަހީބު އާއި ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އަލްފާޟިލް އަޙްމަދު ހާނީ ނަޢީމްގެ އިތުރުން ޑެޕިއުޓީ ޑެސްކް އޮފިސަރ އަލްފާޟިލާ އާމިނަތު އިބާ ޢަބްދުﷲ ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ. 

ނިމުނީ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960