Ref: 2026/PR/153
ސޮމާލިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސަލަންސީ، ޑޮކްޓަރ ޢަބްދުﷲ މުޙައްމަދު އޮޑަވާާ، ޚާރިޖީ ވަޒީރު، އަލްފާޟިލާ އިރުތިޝާމް އާދަމްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި އިޙުތިރާމްގެ ޒިޔާރަތް ކުރެއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް އެމަނިކުފާނަށް ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހުގައެވެ.
ޚާރިޖީ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމުގައި، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ސޮމާލިއާގެ ސަފީރަށް ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އެރުވުމުން އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއާއި ސޮމާލިއާއާ ދެ ޤައުމުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާމެދު މަޝްވަރާކުރެއްވިއެވެ. އަދި މީގެ އިތުރުން ބައިނަލްއަޤުވާމީ މައިދާނުގައި ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާ، ދިވެހިރާއްޖެއަށާއި ސޮމާލިއާއަށް ފައިދާހުރި ކަންކަމުގައި އެކުއެކީގައި މަސައްކަތްކުރުމުގެ ޔަޤީންކަން ދެބޭފުޅުން ދެއްވިއެވެ.
ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ގެ އަރިހުގައި ސެކްރެޓަރީ ޑރ. ހާލާ ޙަމީދު، މިނިސްޓަރ އޮފް ސްޓޭޓް، އަލްއުސްތާޛާ ލުބްނާ މުޙައްމަދު ޒާހިރު ޙުސައިން، އެޑިޝަނަލް ސެކްރެޓަރީ ޚަދީޖާ ނަޖީހާ، ސީނިއަރ އަންޑަރ ސެކްރެޓަރީ ފާތިމަތު ނަޢީމާގެ އިތުރުން ޑެޕިއުޓީ ޑެސްކް އޮފިސަރ އަލްފާޟިލާ ފާތިމަތު ލަޔާނާ އިޙުސާން ބައިވެރިވެވަޑައިގެންނެވިއެވެ.
ނިމުނީ.