ޚަބަރު

ތުރުކުމެނިސްތާންއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވައިފި
Featured

ތުރުކުމެނިސްތާންއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވައިފި

Ref: 2026/PR/166

ތުރުކުމެނިސްތާންއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ޝަލާރް ގެލްޑެނަޒަރޮޒް، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ.

ޚާރިޖީ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ތުރުކުމެނިސްތާންގެ އައު ސަފީރަށް އެމަނިކުފާނުގެ މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އެރުވުމުން އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވެ، ތުުރުކުމެނިސްތާން އިން ދިވެހިރާއްޖެއަށް އަަލަށް ސަފީރަކު އައްޔަން ކުރެވުމާއެކު ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެކަމުގެ އުއްމީދު އެބައޮތްކަމަށް ވިދާޅުވިއެވެ. 

މި ބައްދަލުވުމުގައި، ދިވެހިރާއްޖެއާއި ތުރުކުމެނިސްތާނާ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާބެހޭގޮތުން މަޝްވަރާކުރައްވާ ބައިނަލްއަޤްވާމީ މައިދާނުގައިވެސް ދިވެހިރާއްޖެއަށާއި ތުރުކުމެނިސްތާނަށް ފައިދާހުރި ކަންކަމުގައި އެކުގައި މަސައްކަތްކުރުމުގެ ޔަޤީންކަންވެސް ދެބޭފުޅުން ދެއްވިއެވެ. 

މިނިސްޓަރ އިރުތިޝާމްގެ އަރިހުގައި، ފޮރިން ސެކްރެޓަރީ ފާޠިމަތު ޢިނާޔާ، ސެކްރެޓަރީ، އާމިނަތު ޝަބީނާ، އަދި އެސިސްޓަންޓް ޑިރެކްޓަރ އައިޝަތު ޖުމާނާ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960