ޚަބަރު

Featured

އިސްރާއީލުން ހުއްޓުމެއްނެތި ހިންގަމުންދާ ޣައިރު ގާނޫނީ އަމަލުތައް ކުށްވެރިކޮށް، އޯ.އައި.ސީ. ގެ މެންބަރު ގައުމުތަކުން ފަލަސްތީނުގެ މައްސަލައަށް ހައްލެއްހޯދުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދާނަކުރުމަށް ޚާރިޖީ ވަޒީރު އިރުތިޝާމް ގޮވާލައްވައިފި

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އިން ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި ޚާރިޖީ ވަޒީރުންގެ ފެންވަރުގައި މިއަދު ބޭއްވި އެކްސްޓްރާއޯޑިނަރީ މީޓިންގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އިރުތިޝާމް އާދަމް ބައިވެރިވެވަޑައިގެންފިއެވެ. މި ބައްދަލުވުމަކީ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރުގެ ހައިސިއްޔަތުން އޯ.އައި.ސީ.ގެ ބައްދަލުވުމެއްގައި ވަޒީރު އިރުތިޝާމް ބައިވެރިވަޑައިންނެވި ފުރަތަމަ ފަހަރެވެ.

މި ބައްދަލުވުމުގައި އެކަމަނާ ދެއްވި ތަޤުރީރުގައި، އިސްރާއީލުން ފަލަސްތީނުގެ ބިންތަކަކީ އިސްރާއީލީ ދައުލަތުގެ މިލްކެއްކަމުގައި ނިންމައި ފަލަސްތީނުގެ ބިންތައް ހިޞާރުކުރަމުންދާ މައްސަލަ ކުށްވެރިކުރެއްވިއެވެ. އަދި އިސްރާއީލުގެ ޣައިރު ޤާނޫނީ އަމަލުތައް ހުއްޓުވައި އިސްރާއީލުގެ މައްޗަށް ބައިނަލްއަގްވާމީ ގާނޫނުތައް ތަންފީޒުކުރުމަށް އެކަށޭނެ ފިޔަވަޅު އަޅާފައިނުވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އިސްލާމީ އުއްމަތުގެ ރިވެތި އުސޫލުތަކާ ހަމަތައް ދެމެހެއްޓުމަކީ އޯ.އައި.ސީ. މެމްބަރު ގައުމުތަކުގެ ޒިންމާއެއްކަން ފާހަގަކުރައްވައި، ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތް ފުޅާކުރުން މުހިންމުކަމުގައި ވަޒީރު އިރުތިޝާމް ވިދާޅުވިއެވެ. 

މީގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފާއި އެމީހުންގެ ހައްޤުތައް ހޯދައިދިނުމަށާއި 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްތީނުގެ ދައުލަތް ގާއިމުކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ދެމެހެއްޓިނިވި ސުލްހައަކަށް އޮތް މަގެއްގެ ގޮތުގައި "ކޮމްޕްރިހެންސިވް ޕްލޭން ޓު އެންޑް ދަ ޤާޒާ ކޮންފްލިކްޓް" ތަންފީޒުކުރުމަށް ވަޒީރު އިރުތިޝާމް ގޮވާލެއްވިއެވެ. އަދި މި ބައްދަލުވުމުގެ ހަވާސާގައި އޯ.އައި.ސީގެ ބައެއް މެންބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކޮށް، އޯ.އައި.ސީ. އާއި ދިވެހިރާއްޖެ އާއި ދެމެދު އޮތް ގާތް ގުޅުމަށް އަލިއަޅުއްވާލެއްވިއެވެ.

 އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އަކީ 57 ގައުމުގެ މައްޗައް އެކުލެވިގެންވާ ފަލަސްތީނުގެ ހައްގުގައި އަބަދުސް ވަކާލާތުކުރަމުން އަންނަ ޖަމުޢިއްޔާއެކެވެ. ދިވެހިރާއްޖެ އަކީ 1976 ގައި މި ޖަމުއިއްޔާގެ މެމްބަރަކަށް ވުމަށްފަހު މި ޖަމުއިއްޔާގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ގައުމެކެވެ.

Featured

ނޭޕާލްގައި ހިނގި ފްލޭޝް ފްލަޑް ކާރިސާއާ ގުޅޭ

ނޭޕާލާއި ޗައިނާގެ ޓިބެޓް ގުޅޭ ބޯޑަރު ސަރަހައްދުގައި އޮންނަ ކޯރަކަށް ގަނޑުފެނާއި ކިސަޑު ފައިބައިގެން ދިމާވި ނުރައްކާތެރި ފްލޭޝް ފްލަޑް ކާރިސާއާ ގުޅިގެން، މި މިނިސްޓްރީ އިން މި ގެންދަނީ އެކަން މޮނިޓަރ ކުރަމުންނެވެ. އަދި ކާރިސާ ދިމާވި ސަރަހައްދުގައި އެއްވެސް ދިވެހި ރައްޔިތަކު ހުރިކަމަކަށް މިމިނިސްޓްރިއަށް އެއްވެސް ރިޕޯޓެއް ލިބިފައެއް ނުވެއެވެ. އަދި އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި ކަތުމަންޑޫގައި ހުންނަ ދިވެހިރާއްޖޭގެ އޮނޮރަރީ ކޮންސުލް މެދުވެރިކޮށް ބެލިބެލުމުން ނޭޕާލްގައި ދިރިއުޅޭ އެއްވެސް ދިވެހި ރައްޔިތަކަށް މިހާދިސާގައި އަސަރުކޮށްފައި ނުވެއެވެ. 
 
މި ކާރިސާއާ ގުޅިގެން ނޭޕާލްގައި ތިބި ދިވެހި ރައްޔިތުންގެ ތެރެއިން އެއްވެސް ބޭފުޅަކު އެހީތެރިކަމެއް ބޭނުންފުޅުވާނަމަ، ނުވަތަ އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މިނިސްޓްރީގެ ހޮޓްލައިން ނަންބަރަށް ގުޅުއްވުމަށް ނުވަތަ ކޮންސިއުލަރ އީމެއިލްއަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. 


މިނިސްޓްރީ ހޮޓްލައިން ނަންބަރު:9607983400+
އީމެއިލް: This email address is being protected from spambots. You need JavaScript enabled to view it.


ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960